މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުނު މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ދިދަ ނެގުމަށްފަހު ޚާއްސަ ދުޢާއެއް ކުރެވުނު އިރު، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާ މިނިވަން ދުވަހުގެ ސަލާމް ކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަހަރުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ އެ ރަށެއްގައި ހުންނަ ސަރުކާރުގެ އެންމެ އިސް އިދާރާގައެވެ. މީގެއިތުރުން، ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކުގައިވެސް ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.
މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެންދިޔައީ މި ދިދަ ނެގުމުގެ ރަސްމިއްޔާތާ އެކުގައެވެ. މިއަދު ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސްކޫލް ކުދިންގެ ސަގާފީ އައިޓަމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރެއްގެ ޖުލައި 26 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

