މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ "ދިވެހީންގެ ފަޚުރުވެރި މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާ" ކަމަށެވެ. އަދި "މިލޮބުވެތި ވަޠަން މިނިވަންކަމާއި ބާއްޖަވެރިކަމުގައި އަބަދުމެ ލެހެއްޓެވުމަށް" ދުޢާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ފެށިގެންދިޔަ ރަސްމީ ހަރަކާތްތައް ފެށިފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން، ރަސްމިއްޔާތަށް ވަޑައިގެންނެވި ފަރާތްތަކާއެކު މިނިވަން ދުވަހުގެ ސަލާމް ކުރައްވާފައިވެއެވެ.
މިނިވަން ދުވަހާ ގުޅުވައިގެން މިއަދު ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސްކޫލް ކުދިންގެ ސަގާފީ އައިޓަމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ ދުވަހެވެ.

