ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް، ތަޢާރަފުކުރި އިންޑިއަން ރުޕީ އެކައުންޓް ހުޅުވުމުގެ ޚިދުމަތް އަންނަ މަހު ފެށޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އަދި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވެފައިވަނީ، "ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިންގ ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން" ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބީއެމްއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިންނާއި، ވިޔަފާރިތަކާއި، ބިދޭސީން ހިމެނޭހެން އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް މޯބައިލް ބޭންކިން މެދުވެރިކޮށް ރުޕީ އެކައުންޓް ހުޅުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އެކައުންޓުތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުން ކަމަށާއި، އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެއެވެ.
މީގެ އިތުރުން، ބީއެމްއެލްއިން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސް ޓަރމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު ބީއެމްއެލްގެ ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މި އެކައުންޓަށް ޖަމާކުރެވޭނެ ކަމަށާއި، އިންޑިއާ އަށް ފައިސާ ފޮނުވުމުގައިވެސް މި އެކައުންޓް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވެފައިވެއެވެ.

