ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި ދިވެހި އަސްކަރިއްޔާއިން ފަހަތަށް ނުޖެހޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތީ ދިވެހީންގެ ކާބަފައިން ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ސަބަބުންކަމަށާއި، މިޤުރުބާނީގެ މައި ތަނބަކީ ދިވެހި އަސްކަރިއްޔާގެ ބަދަހި ލަޝްކަރުތައްކަމަށާއި، އަދި މިކަން މިގޮތުގައި ދިވެހި އަސްކަރިއްޔާއިން ދަމަހައްޓަވާނެކަމަށް އިބްރާހީމް ޙިލްމީ ވަނީ ވިދާޅުވެފައެވެ.
ޗީފް އޮފް ޑިފެންސް ފޯސްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އަހަންމިއްޔަތުކަމުގެ ދަށުން އަސްކަރިއްޔާ ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އަސްކަރިއްޔާގެ ހަރުދަނާކަން ގުޅިފައިވަނީ ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތްކުރުމާއިކަމަށާއި، އަސްކަރިއްޔާ މިހާރު ބައްޓަންވަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ފަސްނުޖެހި ޚިދުމަތްދެވޭނެ ފަދަގޮތަކަށްކަމަށް ވިދާޅުވިއެވެ.

