އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާލެއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އިސްލާމީ މަރުކަޒު ބަންދުކުރިކަމަށް ދެކެވެމުންދާ ވާހަކަތައް، އެ މިސްކިތުގެ އިމާމް އައްޝައިހް އިބްރާހިމް ރަޝީދު ހަސަން ވަނީ ދޮގުކުރައްވާފައެވެ.
އިއްޔެ އަސްރު ނަމާދު ވަގުތު އިސްލާމީ މަރުކަޒު ބަންދުކުރިކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިހް އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ، “އެއްވެސް ޙާލެއްގައި އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދެއް ނުކުރާ” ކަމަށެވެ.
ނަމަވެސް އިއްޔެ އިސްލާމީ މަރުކަޒު ސަރަޙައްދަށް ވެހިކަލް ވަނުމާއި ޕާކުކުރުން ވަކި ވަގުތަކަށް މަނާކުރުމުގެ ސަބަބުން، މިސްކިތަށް ނަމާދަށް އާއްމުކޮށް އަންނަ މީހުންގެ އަދަދު މަދުވެފައިވާކަން ޝެއިހް ފާހަގަކުރެއްވިއެވެ. އެއީ ދުރު ސަރަޙައްދުގައި ޕާކުކުރަންޖެހުމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.
އިމާމްގެ ޕޯސްޓްގައި ވިދާޅުވެފައިވާ ގޮތުގައި، ބަންގި ގޮވިއިރު މިސްކިތުގައި ހުރީ އެންމެ މީހެއް ކަމަށާއި، ނަމާދުގެ ޖަމާޢަތަށް ހާޒިރުވެފައިވަނީ ފަންސަވީހަކަށް މީހުންނެވެ.
މޯދީގެ ދަތުރުފުޅާ ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ވަނީ އިއްޔެ ހެނދުނު 11 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާ ހަމައަށް ބަންދުކޮށްފައެވެ. މިކަމާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް ސަލާމަތީ ބާރުތަކުން ވަނީ ކުރިން އާންމުކޮށް އަންގައި، މަޢާފަށްވެސް އެދިފައެވެ.

