އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު މޯދީ އާއި އެމްޑީޕީން ވަނީ ބައްދަލުކޮއްފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ޕާޓީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލް، އަދި ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ބައިވެރިވެވަޑައިގެންފައިވެއެވެ
ބޮޑުވަޒީރު މޯދީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާއާއި ރާއްޖޭގެ ވަރުގަދަ އަދި ތާރީޚީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށާއި ދެޤައުމުން ޙިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭކަންވެސް މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އިންޑިއާގެ ބޮޑު ވަޒީރުގެ އަރިހަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އިޙްތިރާމުގެ ޒިޔާރަތެއްކުރައްވާފައެވެ.

