ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޖަޕާނުގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީ އަދި ޕާލަމެންޓްރީ ވައިސް-މިނިސްޓަރ ފޯ ފޮރިން އެފެއާޒް، އިކުއިނަ އަކިކޯ އާ ދެމެދު މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވުނު މި ބައްދަލުވުމުގައި، ރައީސް މުއިއްޒު ވަނީ ޖަޕާނުގެ ވަފުދަށް ހޫނު މަރުހަބާ ދަންނަވައި، ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ދަތުރުފުޅާ ގުޅޭ ގޮތުން ސްޕެޝަލް އެންވޯއީ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް ބައްލަވާލެއްވުމުގެ ދަޢުވަތު ލިބިވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.
ބައްދަލުވުމުގައި ދެ ފަރާތުން ދެއްކެވި ވާހަކަފުޅުތަކުގައި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް 50 އަހަރަށް ވުރެ ދިގު، ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި އިގްތިސާދީ ތަރައްގީއާއި، އުމްރާނީ ތަރައްގީއާއި، ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލްކަން އިތުރުކުރުމާއި، ޓެލެކޮމިއުނިކޭޝަނާއި، އިންސާނީ ވަސީލަތް ތަރައްގީކުރުން ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ޖަޕާނުގެ ސްޕެޝަލް އެންވޯއީ ވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ޖަޕާނުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

