ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފި އެވެ.
މި ހަރަކާތްތައް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުނު ރިޔާސީ ކުރުނީހާ އެކުގައެވެ. އޭގެފަހުން ޤައުމީ ސަލާމަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ކެޑޭޓްކޯގެ ޕެރޭޑު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިންގެ އިތުރުން، ދިވެހިރާއްޖެއަށް ދަތުރުފުޅެއްގައި ވަޑައިގެން ހުންނެވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މާލޭ ސަރަހައްދުގެ 4 ސްކޫލެއްގެ ދަރިވަރުން ތަފާތު ހުށަހެޅުންތައް ހުށަހަޅާފައިވާއިރު، ކެލާ ޔޫތު ފޯރަމާއި، މުލީ އެކުވެރިންގެ ދިރުމާއި ހޭވައްލާ ބޮޑުބެރު ގުރޫޕުން ސަގާފީ ހަރަކާތްތައްވެސް ހުށަހަޅާފައިވެއެވެ.
ޖުމްހޫރީ މައިދާނުގެ އިތުރުން މާލޭގެ މައިގަނޑު މަގުތަކުގައިވެސް ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓްކޯގެ ޕެރޭޑު ކުރިއަށް ގެންގޮސްފައިވެއެވެ. މަގުމަތީގެ ހިނގާލުން ފެށިފައިވަނީ ހަވީރު 16:15 ގައި ކަމަށްވާއިރު، މި ހިނގާލުމުގައި 4 ސަރަހައްދެއްގައި މަޑުކޮށް ރާގުތައް ކުޅެފައިވެއެވެ.
“މިފަދަ ހަރަކާތްތަކުގެ ސަބަބުން މިނިވަންކަމުގެ ޖޯޝާއި ފޯރި ހިތުގައި އުފެދޭ،” މިހެން ބުނެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ މި ހަރަކާތްތަކުގެ އުފާވެރިކަން ފާޅުކޮށްފައެވެ. ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި 26 ވަނަ ދުވަހު، އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

