ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ބޮޑު މަޝްރޫއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ދުނިޔެއަށް ރާއްޖެ ހުޅުވައިދޭ މައި ދޮރު، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ގައުމީ މަޝްރޫއު ހަގީގަތަކަށް ހެދުމުގައި ބައިނަލްއަގުވާމީ ތަރައްގީގެ އެކުވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވަމުން، މާލީ އެހީތެރިކަން ފޯރުކޮށްދެއްވި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް، ކުވައިތު ފަންޑް، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އޮޕެކް ފަންޑަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
“މިއީ ގުޅިގެން ތަރައްގީވެ، ކުރިއެރުމަށް އެއްބާރުލުން ދީގެން ހާސިލްކުރެވިދާނެ ކަންކަމުގެ ރަމްޒެއް. މިރޭ މި ޓާމިނަލް ރަސްމީކޮށް ހުޅުވައިލާއިރު، މި މިޝަންގައި ސާބިތުކަމާއެކު ދެމިތިބި އަޅުގަނޑުމެންގެ ބައިވެރިންގެ އިތުބާރަށް އަދި ރަހުމަތްތެރިކަމަށް އަޅުގަނޑުމެން އިހުތިރާމު ކުރަން،” ރައީސް ވިދާޅުވިއެވެ.
މި ޒަމާނީ ޓާމިނަލަކީ ދިވެހިރާއްޖޭގެ ގައުމީ އަމާޒުތަކާއި ހުނަރުވެރިކަން ދައްކުވައިދޭނެ ތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިލިއަން ފަސިންޖަރުންނަށް ދަތުރުފަތުރުގެ ތަޖުރިބާ ރަނގަޅުކޮށްދިނުމުގެ އިތުރުން، ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭނުންތައް ފުއްދުމަށް ރާއްޖެއަށް ފުރުސަތުތައް ހުޅުވައިދީ، އިގްތިސާދީ ކުރިއެރުމަށް ބާރުއަޅާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މަޝްރޫއަށް ދިވެހި ބަޖެޓުން ކުރި ހޭދައަށްވުރެ އިތުރަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ބޭރުގެ ހަތަރު ފަންޑުން ދެއްވި ކަމަށާއި، 10 އަހަރު ދުވަސްވަންދެން ގިނަ ބަޔަކު ކުރެއްވި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާ މިއަދު ފެނިގެންދާ ކަމަށެވެ.

