ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދެވި ކުރީގެ ދެ ސަރުކާރުގެ ވެރިން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އަބްދުﷲ ޔާމީނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ޓާމިނަލަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ނިމިފައިވާ ޓާމިނަލެއް ކަމަށެވެ. “އެހެންވީމާ އަޅުގަނޑު މި ދެންނެވި ފަރާތްތަކަށް ޝުކުރު ދަންނަވަން. ހާއްސަކޮށް މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމުގައިވާތީ، އެމަނިކުފާނަށާއި ދެން އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކަމުގައިވާތީ، މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،” ރައީސް ވިދާޅުވިއެވެ.
400 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅު ރައީސް ޔާމީންގެ ވެރިކަމުގައެވެ. މި ޓާމިނަލަކީ ހަލީޖު ގައުމުތަކުން ލޯނުގެ ގޮތުގައި ނަގައިގެން ތަރައްގީކޮށްފައިވާ ޓާމިނަލެކެވެ. އެގޮތުން ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް، އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް، ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އަބޫދާބީ ފަންޑުގެ އިސްވެރިންނާއި އެ ގައުމުތަކުގެ ވެރިންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެ މި ޓާމިނަލްގެ މަސައްކަތް ނިންމުމަށް ރެއާއި ދުވާލު މަސައްކަތްކުރި އެންމެހައި ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތް ނުކުރިނަމަ، ޓާމިނަލް ހުޅުވޭނީ ދޮޅު އަހަރު ފަހުން ކަމަށް ރައީސް ވިދާޅުވިއެވެ.
ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އަވަސް ކުރައްވައި، ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޓާމިނަލްގެ އެތެރެ ނިންމައި، ޓާމިނަލް އޮޕަރޭޓުކުރުމަށް ބޭނުންވާ އެންމެހައި އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ނިންމަވައިފައެވެ.

