ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ގައުމު ކަމަށާއި، އެގޮތަށް މަސައްކަތްކޮށްފިނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ފަދަ އެތައް ތަރައްގީއެއް ހާސިލުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިފަދަ ވަގުތެއްގައި އަޒުމް ކަނޑައަޅަންވީ ގައުމު އިސްކުރުމަށް ކަމަށެވެ. އަދި މިފަދަ ކޮންމެ ވަގުތެއްގައިވެސް ދިވެހިންނަކީ އެއްބައެއްކަން ހަނދާން ބަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ވުރެ އިސްކުރަންވީ ގައުމު، އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތާއި އަޅުގަނޑުމެންގެ ޒާތީ ތައައްޒުބާއި އަޅުގަނޑުމެންގެ ހުރި ކޮންމެ ކަމަކަށްވުރެ ވެސް އިސްވާންވީ ދިވެހި ގައުމު،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް މި ގައުމު އުފާވެރި އަދި ފާގަތި ގޮތެއްގައި ވާރުތަކޮށްދެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މިއީ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ އެކުގައި މަސައްކަތްކޮށްފިނަމަ، އުމްރާނީ ތަރައްގީގެ އިތުރުން މާނަވީ ގޮތުންވެސް ގައުމު ކުރިއަރައިގެންދާނެ ކަމަށެވެ. އަދި ވަށާޖެހޭ ތަރައްގީއެއް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ސިކުނޑީގެ ތަރައްގީއާއި އުމްރާނީ ތަރައްގީ އެކުއެކީގައި ހާސިލު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

