ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައި އޮންނަ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ދިނުމަށް ހަމަޖެހިފައިވާ އެހީއާ ގުޅޭ “އެކްސްޗޭންޖް އޮފް ނޯޓްސް”ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
ހާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި ޕާލަމަންޓްރީ ވައިސް މިނިސްޓާ ފޯ ފޮރިން އެފެއާޒް މިސް އިކުއިނޯ އަކިކޯ އެވެ.
މި އެއްބަސްވުމުގެ ދަށުން، މާލޭގެ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ “ކޮންސްޓްރަކްޝަން ފޭސް” އަށް ބޭނުންވާ 10.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ޖަޕާން ސަރުކާރުން ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާލޭގެ ރައްކާތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހާރިޖީ ވަޒީރު ވިދާޅުވީ “މާލޭ ވަށައި ލާފައިވާ ތޮށްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ބިނާއެއް ނޫން، އެއީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއް” ކަމަށެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކާތެރިކަމަކީ، އެ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ހާރިޖީ ވުޒާރާގެ އިސް ވެރިންނާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޖަޕާން އެމްބަސީއާއި ޖައިކާ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

