ގެމަނަފުށީ ކައުންސިލް ވޮލީ މުބާރާތް 2025 ގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކާއިއެކު ފުވައްމުލަކު ސިޓީގެ ސީކުއީން ބަލިކޮށް ގއ ކަނޑުހުޅުދޫ ވޮލީ ޓީމުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގެމަނަފުށީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު އެޓީމް ކާމިޔާބު ކުރީ 3 ސެޓު 1 ސެޓުންނެވެ. މި 2 ޓީމަކީ މުބާރާތުގައި ރަށުން ބޭރުން ވާދަކުރާ ޓީމްތަކެވެ.
މެޗުގެ ފުރަތަމަ ސެޓުގައި 2 ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ. މިސެޓު 25،23 އިން ކަނޑުހުޅުދޫއިން ކާމިޔާބު ކުރިއިރު މެޗުގެ 2 ވަނަ ސެޓުގައި ސީކުއީން ފެނިގެން ފުރަތަމަ ސެޓާއި އަޅާ ބަލާއިރު ދަށްކޮށެވެ. މި ސެޓުގެ ނަތީއްޖާވެސް ފަރަގު ބޮޑުކޮށް ދިޔަ އިރު މިސެޓު ކަނޑުހުޅުދޫއިން ކާމިޔާބު ކުރީ 25،17 އިންނެވެ. މެޗުގެ 3 ވަނަ ސެޓު ކަނޑުހުޅުދޫއިން ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް ކަނޑުހުޅުދޫ ޓީމްގެ ފަރާތުން ގިނަ ގޯސްތަކެއް ހެދިގެން ދިޔަ ތަން މި ސެޓުގައި ފެނިގެން ދިޔައެވެ. ނަތީއްޖާއެއްގެ ގޮތުން މި ސެޓު ސީކުއީން 25،16 އިން ކާމިޔާބު ކުރިއެވެ. މެޗުގެ 4 ވަނަ ސެޓުގައި 2 ޓީމްވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ގާތްގާތުގައި ޕޮއިންޓްތައް ދިޔަ ނަމަވެސް ސެޓުގެ ފަހުބައިގައި ސީކުއީން ފެނުނީ ތަފާތު މޮޅުކޮށެވެ. އެހެން ނަމަވެސް ކަނޑުހުޅުދޫގެ ނިންމުންތައް ރަނގަޅުވެ 26،24 އިން މި ސެޓު ގެންގޮސް 3،1 ސެޓުން މެޗު ކާމިޔާބު ކުރިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަނޑުހުޅުދޫ ވޮލީ ޓީމްގެ ޖާޒީ ނަންބަރު 12 މަރިޔަމް ރީޝާ އެވެ. ރީޝާ ވަނީ ކަނޑުހުޅުދޫ މޮޅުކޮށް ދިނުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މުބާރާތުގައި މިއަދުވެސް 2 މެޗެއް ކުޅުމަަށް ހަމަޖެހިފައިވެއެވެ. އިގްނައިޓް ޖޫނިއަރ އަދި ހުޓިކޮޑާ ކަނބަލުން ހަވީރު ވާދަކުރާއިރު މިރޭ ގެމަނަފުށީ ވޮލީ ކުލަބު އަދި ސީ ކުއީން ވާދަކުރާނެއެވެ. މި މެޗަކީ މި 2 ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ހަވީރު މެޗު 16:15 ގައި ފަށާއިރު ރޭގަނޑު މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

