ޤައުމުގެ މިނިވަންކަން ދެމި އޮންނާނީ އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވަނީ މިއަދު ދިވެހިން މި ދެކޭ މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚްލާސްތެރި ޤައުމީ މަސައްކަތުން ލިބިފައިވާ އެއްޗެއް ކަމަށެވެ. އަދި އެ ބޭފުޅުންގެ އެ ބުރަ މަސައްކަތް އަމާނާތްތެރިކަމާއެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެވެސް ޒިންމާއެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނީ ޤައުމީ ލޯބި އިސްކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި އެކި މީހުން އެކި ދިމާލަށް، އެކި ވިސްނުމުގައި ގޮސްގެން ޤައުމެއް ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.
“އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި މިދެންނެވި ވިސްނުމުގައި ދާހިނދު އެކަނި ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ. އެހެންވީމަ މިގޮތުގައި، މިޢަޒުމު ކަނޑައަޅަން އަޅުގަނޑު އިލްތިމާސްކުރަން ދިވެހި ހުރިހާ ރައްޔިތުންނަށް،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

