ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދި ނަމަވެސް، ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި، އެކި ޤައުމުތަކާއެކު ގާތް، ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވި ގޮތުގައި މި ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރެވޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވަޢުދުތައް ފުއްދެވުމަށާއި ޤައުމުގެ ތަރައްޤީ ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވި ގޮތުގައި ތަފާތު އެކި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފުތާތަކުގައި ފެށިގެންދާނެއެވެ. މީގެ އިތުރުން، ތަރައްޤީ ހާސިލްވާނީ ކޮންމެ ރައްޔިތަކުވެސް އަމިއްލަ ނަފްސު އިސްލާހުކުރަން ނިންމައިގެން ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ދިވެހި ރައްޔިތުންނަށް ގޮވާލެއްވީ ދިވެހިންނަށްވީތީ ފަޚުރުވެރިވުމަށެވެ. އަދި “އިސްލާމްދީނާއި ދިވެހި ބަހާއި ޤައުމިއްޔަތަށް އިސްކަންދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް” ކަމުގައި ވިދާޅުވިއެވެ.

