ްހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި 30 އެނދުގެ ޑަޔަލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އައު ޑަޔަލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރު ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އަހަރެއްގެ މައްޗަށް ތިން ލައްކައެއްހާ މީހުން ފަރުވާ ހޯދާ އެ ހޮސްޕިޓަލުގައި ޑައިލިސިސް ހަދަން މިހާތަނަށް ބޭނުންކުރަމުން ދިޔައީ 10 އެނދެވެ. އެކަމަކު، އާ ސެންޓަރު ބޭނުންކުރަން ފެށުމާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޑައިލިސިސް ޔުނިޓް ބަންދުކޮށް، އެ ހިދުމަތް ވަނީ ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި އޮންނަ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ.

ރައީސް އައު ޑައިލަސިސް ސެންޓަރު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ޑައިލަސިސް ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލްހަލީމް އަބްދުއްރައްޒާގު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި 2012 ވަނަ އަހަރު ޑައިލަސިސްގެ ހިދުމަތް ފެށީ އެންމެ ހަތަރު އެނދާއެކު ކަމަށެވެ.
ޒަމާނީ މެޑިކަލް އާލާތްތަކާއެކު ފަރުމާކޮށްފައިވާ ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރަށް އިތުރު 30 އެނދު އިތުރުކުރުމަށްޓަކައި އަމިއްލަ 2 ކުންފުންޏަކާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ޑައިލިސިސް ހަދާ މީހުން އިތުރުވެފައިވާތީ، ކުރިން ދެ ދަންފަޅިއަށް ބަހާލައިގެން ދިން ހިދުމަތް ތިން ދަންފަޅިއަށް އިތުރުކުރި ކަމަށެވެ. ނަމަވެސް، ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެ، ބޮޑު ޑިމާންޑެއް އޮތުމުން އެކަމަށް ހާއްސަކޮށް ސެންޓަރެއް ހަދަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮރެންޖް ބިލްޑިންގައި ގާއިމުކުރެވުނު ޑައިލަސިސް ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސް ޑރ.މުޢިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމުވަނީ އެ ސެންޓަރު ބައްލަވައިލައްވާފައެވެ.
ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެެވެ.

