ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޑިޔާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންގެ ތެރެއިން 92 މީހުންނާއެކު ފުލެޓު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓާ ޙަމްދާން ޝަކީލު މީސްމީޑިއާއަށް ވިދާޅުވީ ހައުސިން ޔުނިޓުތައް ލިބުނު 4،000 މީހުންގެ ތެރެއިން މިމަހު 24 ވަނަ ދުވަހު ސޮއިކުރި 40 މީހުންނާއެކު މިހާތަނަށް 92 މީހަކާއެކު ވަނީ އެއްބަސްވުން ގާއިމުކޮށްފައި ކަމަށެވެ.
އެފްޑީސީން މިއަދު ބުނީ، ފްލެޓް ލިބޭ މީހުންގެ ތެރެއިން ސޮއިކުރުމަށް މިހާތަނަށް ލިބުނީ 2،665 މީހުންގެ ނަން ކަމަށެވެ. އެ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހަފުތާ ބަންދާއި މިނިވަން ދުވަހުގެ ބަންދަށް ފަހު އަންނަ އަންގާރަ ދުވަހު ސަރުކާރު ހުޅުވުމުން ކުރިއަށް ގެންދާނެ ކަމަށް އެފްޑީސީން ބުންޏެވެ.
މީގެ އިތުރުން ލިޔެކިޔުންތައް ފުރިހަމަ ނުވާ މައްސަލަ ބޮޑުވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ދިގުލައިގެން ދާތީ، އެންމެން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑިސީން ވަނީ އެދިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވުމާ ހަމައަށް ސޮއި ކޮށްފައި ވަނީ 71 މީހުންނެވެ.

