ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ކޯޓު އިމާރާތް ހުޅުވައިދެއްވައިފިއެވެ.
ހުޅުމާލެ ފޭސް އެކެއް، ޓްރީޓޮޕް ހޮސްޕިޓަލުގެ ކައިރީގައި ތަރައްޤީކޮށްފައިވާ މި އިމާރާތުގައި ދެ ކޯޓެއް ޝަރީޢަތްތައް ކުރިއަށް ގެންދަން ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. ޖަސްޓިސް ބިލްޑިންގް އެނެކްސްއެއް ގޮތުގައި ހުޅުމާލޭގައި ހުޅުވި މި އިމާރާތުގައި ހިންގާނީ ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓެވެ.
ރައީސްގެ އަރިހުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްތަފާއާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޖޫޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް ހުސެއިން ރިޒާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިތަނުގައި 15 ކޯޓު ރޫމް ޤާއިމްކޮށްފައިވެއެވެ. މިތަނުގައި 17 ފަނޑިޔާރުން ތިއްބަވާއިރު، އޭގެ ތެރެއިން 5 ފަންޑިޔާރުންނަކީ ކްރިމިނަލް ކޯޓުގެ ފަންޑިޔާރުންނެވެ. ބާކީ 12 ފަނޑިޔާރުންނަކީ ޑްރަގް ކޯޓުގެ ފަނޑިޔާރުންނެވެ.
މިތަނުގައި ފުރަތަމަ ޝަރީޢަތް ތާވަލްކޮށްފައިވަނީ މިއަދު 4:30 ގައި ކުރިއަށް ގެންދާ ގޮތަށެވެ. އެއީ ބަނދާއި މެދު ގޮތެއް ނިންމުމުގެ މައްސަލައެކެވެ.

