ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ. މި ރެކޯޑަކީ އެންމެ ގިނަ ސަރަހައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުވުމުގެ ރެކޯޑެވެ.
ގިނިސް ވޯލްޑް ރެކޯޑްގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މި ރެކޯޑުގެ ލިޔުން ހަވާލުކޮށްދެއްވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ ފުރަތަމަ އެއަރލައިނަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރެކޯޑްގެ ލިޔުން ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑްސްގެ އެޑްޖޫޑިކޭޓަރ އެމްބާލީ އިންކޯސީއެވެ.
ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއުޒިކާއެކު، އެއްފަހަރާ 19 ސަރަހައްދެއްގައި ހަވާ އަރުވާފައިވެއެވެ. މީގެ ތެރޭގައި ހުޅުލެ، މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނެއެވެ. ގިނިސް ވޯލްޑް ރެކޯޑްސްއިން އެންމެ މަދުވެގެން 5 ތަނުގައި ސިންކްރޮނައިޒްޑް ހަވާ އެރުވުމަށް ކަނޑައަޅާފައިވީނަމަވެސް، ރާއްޖެއިން 9 ތަނެއްގައި އެއްފަހަރާ ހަވާ އަރުވައިގެން މި ރެކޯޑު ހާސިލު ކޮށްފައި ވެއެވެ.
މި ރެކޯޑް ހާސިލުކުރުމަށް 32 ވިޓްނަސުން ބައިވެރިވެ، ރެކޯޑް ފޮތުގެ ގައިޑްލައިންތައް ފުރިހަމަވާކަން ކަށަވަރު ކޮށްފައި ވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މި ތާރީޚީ އިވެންޓުގައި ހަވާ އެރުވުމުގެ އިތުރުން ތިއޭޓަރ ޕަފޯމަންސް، ލައިޓް ޝޯ އަދި ލައިވް ޑްރޯން ޝޯވެސް ބޭއްވުނެވެ.
މިއީ އެމްއޭސީއެލްއަށް ލިބުނު މުޅިން އައު ވޯލްޑް ރެކޯޑް ޓައިޓަލްއެކެވެ. މި ކާމިޔާބީއާއެކު ދިވެހިރާއްޖޭގެ ނަން ދުނިޔޭގެ ރެކޯޑު ފޮތުގައި ލިޔެވިގެން ގޮސްފައިވެއެވެ.

