ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިއްވަން ފެށުމާ ގުޅިގެން ގިނަ ދީނީ ޢިލްމުވެރިން އެކަމަށް ތަޢުރީފުކުރައްވައިފިއެވެ. މި ނިންމުން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ޢަސްރު ނަމާދުން ފެށިގެން އާ ޓާމިނަލްގައި ބަންގި އިއްވަން ފަށާފައިވާ ކަމަށެވެ. މި ނިންމުމާ ގުޅިގެން ޖަމްޢިއްޔަތުއް ސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމްޢިއްޔާގެ ނާއިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ މިއީ “ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށްދެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް” ކަމުގައެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވެސް މި ނިންމެވުމަށް ތަޢުރީފުކުރައްވައި، މިއީ ތާރީޚީ އަދި ހެޔޮ ފާލެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެފައިވަނީ “ބަންގިއަކީ އަޅުގަނޑުމެންގެ ހިތުގެ ވިންދު” ކަމަށާއި، މީގެ ސަބަބުން ބަންގީގެ އަޑު އިވިފައިނުވާ އެތައް ޣައިރު މުސްލިމުންނަކަށް އިސްލާމީ ނިދާގެ އަޑު އިވިގެންދާނެ ކަމަށެވެ.
އައްޝައިޚް ޝަފީޢު ޢަބްދުﷲ ވެސް މި ނިންމުމަށް ތާއީދުކުރައްވައި، މިއީ ވަރަށް ރަނގަޅު ނިންމުމެއްކަމުގައި ވިދާޅުވެފައިވެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވީ ރޭ އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ މި އާ ޓާމިނަލްއަކީ ދިވެހި އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނެސްދޭނެ، ފެންވަރު ރަނގަޅު އަދި ހިތްގައިމު ޓާމިނަލެއް ކަމުގައި ފާހަގަކުރެވެއެވެ.

