ސްވިޑެންގެ ކުޅަދާނަ ސްޓްރައިކަރ ވިކްޓާ ޔޮކަރެސް އާސެނަލްއަށް ސޮއިކޮށްފިއެވެ.
ޔޮކަރެސް އާސެނަލްއަށް ސޮއިކޮށްފައިވަނީ 5 އަހަރުގެ މުއްދަތަކަށް ކަމުގައިވާއިރު، އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 27 އަހަރުގެ ޔޮކަރެސް ހޯދުމަށް އާސެނަލްއިން 55 މިލިއަން ޕައުންޑް (73.89 މިލިއަން ޑޮލަރު) ގެ އަގެއް ކިޔާފައިވެއެވެ.
މީގެ ކުރިން ބްރައިޓަންގައިވެސް ދުވަސްކޮޅެއް ހޭދަކޮށްފައިވާ ޔޮކެރެސް އާސެނަލްއަށް ކުޅޭނީ 14 ނަންބަރު ޖާޒީގައެވެ. އަދި އާސެނަލް އިން އޭޝިއާއަށް ކުރާ ޕްރީ ސީޒަން ދަތުރުގައި އޭނާ ބައިވެރިވާނެއެވެ.
ވިކްޓާ ޔޮކަރެސް ކްލަބަށް މަރުޙަބާ ކިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި އާސެނަލްއިން ނެރުނު ބަޔާނެއްގައި އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފައިވާއިރު، ޗެމްޕިއަންކަން ހޯދުމާ ގާތަށް ދިޔަނަމަވެސް އާސެނަލް އިން މި ސީޒަން ނިންމާލީ އެއްވެސް މުބާރާތަކުން ކާމިޔާބީއެއް ނުލިބިއެވެ.
ޔޮކަރެސްއަކީ މި ޓްރާންސްފާ މާކެޓުގައި އާސެނަލްއިން ސޮއިކުރި ފަސްވަނަ ކުޅުންތެރިޔާ ކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން އާސެނަލްއިން ވަނީ ކީޕަރ ކެޕާ އަރިޒަބަލާގާ، ފޯވާޑު ނޯނި މެޑުއޭކޭ އަދި މިޑްފީލްޑަރުން ކަމަށްވާ ކްރިސްޓިއަން ނޯގާޑް އާއި މާޓިން ޒުބިމެންޑީ ވެސް ގެނެސްފައެވެ.

