ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެކީ ސިޔާސީ މަސައްކަތް ކުރުން އެއީ ގައުމަށް ރަނގަޅު މަގެއް ފެންނާނެ ގޮތެއް ނޫންކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނާއި އެކީ ސިޔާސީ މަސައްކަތް ކުރާކަށް އެމްޑީޕީ މެމްބަރުން ބޭނުމެއް ނުވާނެ ކަމަށައި އެކަމަކީ އެއީ މި ގައުމަށް ރަނގަޅެއް ފެންނާނެ މަގެއް ވެސް ނޫން ކަމަށެވެ. އަދި އެއީ އިންސާފު ހޯދާނެ ގޮތެއް ވެސް ނޫން ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ.
މޫކޭ މިގޮތަށް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހާއި އެކީ ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށް ބުނެ، ރައީސް ޔާމީންގެ އެހީއަށް އެދޭނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީ ވަޓްސްއެޕް ގްރޫޕު ތެރޭގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް، ފިކުރީ ހިޔާލު ތަފާތު އެބަހުރި ކަމަށެވެ.
ރައީސް ނަޝީދު ޕީޕީއެމްގެ އެހީ އަށް އެދޭނެ ކަމަށް ބުނެފައިވަނިކޮށް ރައީސް ނަޝީދަށް އިދިކޮޅު ޕީޕީއެމްގައި ޖާގައެއް ނެތް ކަމަށް މިވަގުތު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް، ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.

