ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދައުވަތަކަށް ރައީސް ޑިސަނަޔަކެ ރާއްޖެއަށް މިއަދު ވަޑައިގެންނެވީ ދެ ދުވަހުގެ ދަތުރުފުޅެއްގައެވެ. އެމަނިކުފާނަށް ހުޅުލޭ އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަގެ މިދަތުރުފުޅަކީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވި ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް އާއި، ރައީސް ޑިސަނަޔަކަ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. ހަމައެއާއިއެކު ދެ ޤައުމުން އެކިދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965، ގަ އެވެ. އެހެންކަމުން މި އަހަރަކީ ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

