ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުރި ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އޭނާއަށް ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ވެސް އިއްޔެ އަރުވައިފައެވެ.
ރައީސް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެމަނިކުފާނު އަޑު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށާއި ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.
އަލްމަރްޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ފާހަގަކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ޙަސަން ޞާބިރަކީ ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް ކަމަށާއި، މާތްﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި އެމަނިފުފާނު ވަނީ ދުޢާ ކުރައްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދެވި “ނޭޝަނަލް ޕްލޭނިން އެޖެންސީ” ގައި 1978 ވަނަ އަހަރު އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަޤާމަށް ހަމަޖެއްސެވިއެވެ.
ސަރުކާރަށް 25 އަހަރު ޚިދުމަތް ކުރެއްވި ސޯބިރު ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1998އިން 2004އަށެވެ. އޭގެ ކުރިން 1991ގައި ޕްލޭނިން އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި 1993ގައި ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސޯބިރު ފަރުވާ ހޯއްދަވަމުން ގެންދެވިއިރު ވެސް ރައީސް ޑރ. މުއިއްޒު ވަނީ ހޮސްޕޓަލަށް ޒިޔާރަތް ކުރައްވައި، ސޯބިރުގެ ހާލުކޮޅު ބައްލަވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ވެސް ސޯބިރު އަރިހަށް، ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަމުން ގެންދެވިއެވެ.

