ރާއްޖޭގެ އިގްތިސާދު ރަނގަޅު ރާސްތާއެއްގައި ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތީ އިގްތިސާދީ ގޮތުން އުޖާލާ ދުވަސްތަކެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާއި ގުޅިގެން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ވަރަށް ގިނަ ވަގުތު މި ސަރުކާރުން ހޭދަކުރަން ޖެހިފައިވަނީ އިގްތިދާސީ ގޮތުން ކޮށްފައި ހުރި ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށް ކަމަށާއި އޭގެ ސަބަބުން ކަންކަން ކުރުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށެވެ.
ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރި މަސައްކަތްތަކުގެ ސަބަބުން މިހާރު އިގްތިސާދު އާދެވިފައިވަނީ މުހިންމު މަރުހަލާއަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތް ދަތި ހާލަތުގައި ފިޔަވަޅު ނޭޅިނަމަ ގައުމު ބަނގުރޫޓުވުމުގެ ނުރައްކާ އޮތް ކަމަށާއި، އެކަން ވިޔަނުދިނުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން ކުރިއަށްދާނީ އަވަށްޓެރި ގައުމުތަކާއި ގާތް ގުޅުމެއް ބާއްވައިގެން ރާއްޖެއަށް ފައިދާވާ މިންވަރުގައި ކަމަށާއި ހުރިހާ ގައުމުތަކާއި ވެސް ރަހުމަތްތެރިކަން ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތުގެ ކާމިޔާބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

