ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި އާރްޓީއެލް ފެރީ ހިދުމަތް ފެށުމުގެ މަސައްކަތުގެ ތެރެއިން، ބ. އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް މިއަދު ފަށައިފިއެވެ.
ފާއިތުވި ޖޫން މަހުގެ 26 ވަނަ ދުވަހު ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށައިފައިވާއިރު، އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް ފެށިފައިވާ ކަމަށެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ފެށުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ހިދުމަތް ފަށްޓަވާނެކަން އިއުލާނުކުރައްވާފައެވެ.
ރައީސް ވިދާޅުވެފައިވަނީ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީ ހިދުމަތް ފައްޓަވަން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

