މަސްތުގެ ހާލަތުގައި ހުރެ ދިރިއުޅޭ ގޭތެރޭގެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު އދ. އޮމަދޫން ފުލުހުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އދ. އޮމަދޫން، ސްޓެއްލާ، އުމުރުން 32 އަހަރުގެ އަހުމަދު ނާފިއުއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ މަސްތުގެ ހާލަތުގައި ހުރެ، އަޑު ގަދަކޮށް، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ތަކެއްޗަށް ގެއްލުން ދީ އަދި އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި އަލިފާން ރޯކޮށްލި މައްސަލައިގައި ކަމަށެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ރޭ 9:27 ހާއިރު އެވެ.
ފުލުހުން ބުނީ އަލިފާން ރޯކޮށްލުމުގެ ސަބަބުން މީހަކަށް އަނިޔާ ނުވާ ކަމަށާއި، ނަމަވެސް ކޮޓަރީގައި ރޯކޮށްލުމުގެ ސަބަބުން ގިނަ ސާމާނު އަނދާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

