ލ. މާވަށުގައި މިއަދު މީހެއްގެ ކަރަށް ވަޅިން ހަމަލާދިން މީހާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ މާރާމާރީއަކީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ރެކޯޑު އޮންނަ މީހެކެވެ.
މާވަށުގައި މިއަދު ހެނދުނު ވަޅިން ހަމަލާދީ މަރާލާފައިވަނީ އެރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެރަށު ވޮލީކޯޓް ކައިރީގައެވެ. އެރަށުން ވާހަކަދެއްކި މީހުން ބުނެފައިވަނީ އޭނާ މަރާލާފައިވަނީ ނޭނގޭގޮތަށް ފަހަތުން ކަރަށް ވަޅި ހަރައިގެންކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10 ޖެހި ފަހުންނެވެ. ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

