ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އުމުރުން 74 އަހަރުގައި ސޯބިރު މިއަދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވާތާ ގިނަ ދުވަސްވީ ފަހުން، ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނިކޮށެވެ.
ސޯބިރަކީ ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ ހިދުމަތުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ވަނީ އަރުވައިފައެވެ.
ޙަސަން ޞާބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައިވަނީ ރަސްމީ ޢިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.
ސޯބިރު އަވަހާރަވީއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ތިއްބަވައެވެ.

