ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓުން ބުނީ މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްރަށަށް މިއަދު ވެސް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި މާދަމާ އާއި ބުދަ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން ލަފާކުރާގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކޮށް، ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.
އުތުރުގެ ރަށްތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު، މިދިޔަ ހަފުތާގައި ވެސް މޫސުން ވަރަށް ގޯސްވި އެވެ. އަދި ވިއްސާރައިގައި ވަރަށް ބޮޑަށް ވައިގަދަވެ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުންވިއެވެ.
މި އަހަރު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ. ކުރިއަށް އޮތް ދެ ދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހުއެވެ.
ރާއްޖެއަށް މިހާރު ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

