ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ އެކި ދާއިރާތަކުގެ ސިޔާސީ ވެރިންނާއި ކުރީގެ ރައީސުން ވަނީ އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ. މަރުޙޫމު ޙަސަން ޞާބިރު ނިޔާވުމާ ގުޅިގެން ގިނަ ޢަދަދެއްގެ ސިޔާސީ ވެރިން ވަނީ އެ ބޭފުޅުންގެ ހިތާމަ ފާޅުކޮށް، ތަޢުޒިޔާގެ ޕޯސްޓުތައް މީސްމީޑިޔާގައި ޙިއްސާކުރައްވާފައެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ ތަޢުޒިޔާ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި މަރުޙޫމު ޙަސަން ޞާބިރުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމުގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ނައިބު ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ތަޢުޒިޔާ
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، ދައުލަތުގެ މުހިންމު އިސް މަޤާމުތަކުގައި ހުންނަވައިގެން މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތަކެއް ޞާބިރު ކޮށްދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން ޚާރިޖީ ދާއިރާއަށްވެސް ޞާބިރު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި، މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ރައީސް ޞާލިޙު ވަނީ ދުޢާ ދަންނަވާފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ތަޢުޒިޔާ
ޞާބިރު ނިޔާވުމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޙަސަން ޞާބިރަކީ އެމަނިކުފާނަށް އިރުޝާދާއި ލަފާ ދެއްވި، ޤާބިލު، ކުޅަދާނަ ޤައުމީ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.
މަޖިލިސް ރައީސްގެ ތަޢުޒިޔާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެކި ދާއިރާތަކުން ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޑު އެހީ ނުހަނު ފުން ހިތާމައާ އެކު ކަމަށެވެ. ޞާބިރަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ތަނަވަސް ރަޙުމަތް މިންވަރުކޮށްދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ޢަބްދުއްރަޙީމް ވަނީ ދުޢާ ދަންނަވާފައެވެ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ތަޢުޒިޔާ
އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ޙަޞަން ޞާބިރު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށާއި، އެމަނިކުފާނަކީ ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ޝާހިދު ވަނީ ޞާބިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވިއިރު، އެކުގައި މަޖިލީހުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު ކަމަށާއި، އެ މަސައްކަތްތަކުން ޤައުމީ ޚިދުމަތަށް ޞާބިރުގެ ހިތުގައި އޮތް ލޯބީގެ ބޮޑުކަން ތަޞައްވުރު ކުރެވުނު ކަމަށް ވިދާޅުވެފައެވެ. ޝާހިދުވެސް ވަނީ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ސުވަރުގޭގެ ނިޢުމަތް މަރުޙޫމަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
މި ސަރުކާރުގެ ކެބިނެޓު ވަޒީރުންގެ ތެރެއިން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންނާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވެސް ވަނީ ޞާބިރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމުގެ ފުރާނަފުޅަށް ޖައްނަތުލް ފިރުދައުސް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ. ވަޒީރުން ވަނީ ދިވެހި ދަޢުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ޞާބިރު ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
ޙަސަން ޞާބިރު ވަނީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.

