ފިރިމީހާ ރުޅިއައިސްގެން އަނބިމީހާއާ މުޚާތަބްކޮށް [އަހަރެން މިވަނީ މިވެނި އެވެނި ރައްޓެހިންގެ ހާޒިރުގައި އޮންނާނެއޭ ބުނެފަ ތިޔައީ އަހަރެންގެ މަންމައެއްގެ މަޤާމުގަ ހުރި މީހެކޭ. އެ މީހުން އެކަމަށް ހެކިވާނެއޭ] މިހާލަތުގައި އަނބިމީހާ ކަންތައް ކުރަންޖެހޭ ގޮތަކީ ކޮބާ ތޯ؟ އަދި ފިރިމީހާ މިކަމުގެ ކައްފާރާ ދޭން ޢަމަލު ކުރާނީ ކިހިނެއް ތޯ؟
ސުވާލުގައި ބަޔާންވެގެންވާ ލަފްޒަކީ، އޭގެ މާނައިގައި އެކި އިޙްތިމާލުތައް އެކުލެވިގެންވާ ލަފްޒެއް ކަމުގައިވާތީ ފިރިމީހާގެ ނިޔަތަށް ބެލުމެއްނެތި އެއީ ޟިހާރު (ظهار) ކުރުން ކަމުގައި ކަނޑައަޅައިގެން ނުވާނެއެވެ. ވުމާއެކު އޭނާގެ ނިޔަތާ މެދުގައި އޭނާގެ ކިބައިން ސުވާލު ކުރެވެން ޖެހޭނެއެވެ. އެ ގޮތުން އޭނާގެ އަންހެނުންވަނީ އޭނާގެ މަންމަގެ މަޤާމުގެ ކަމުގައި ބުނުމުގެ ނިޔަތަކީ މަންމަ ޙަރާމްވެގެންވާ ފަދައިން އޭނާގެ މައްޗަށް އޭނާގެ އަންހެނުން ޙަރާމް ވެގެންވާކަމަށް ބުނުން ކަމުގައިވާނަމަ އެވާނީ ޙަރާމް ވެގެންވާ ޟިހާރަކަށެވެ. އެއާއި އެކު އެހިނދު އޭނާގެ މައްޗަށް އޮތީ ޤުރުއާނުގެ ނައްޞުން ބަޔާންވެގެންވާ ތަރުތީބުން ޟިހާރުގެ ކައްފާރާ ދިނުމެވެ.
ﷲ ވަޙޫކުރައްވާފައިވެއެވެ. [އެބައިމީހުންގެ އަނބިންނަށް ކޮށް، ދެން އެބައިމީހުން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާ ހުށިކަމެވެ!
އެއީ ތިޔަބައިމީހުންނަށް އެކަމަށް ނަޞޭޙަތް ދެއްވާގޮތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ 60 މިސްކީނުންނަށް ކާންދޭހުށިކަމެވެ!
އެއީ ތިޔަބައިމީހުން اللَّه އާއި، އެކަލާނގެ ރަސޫލާއަށް އީމާން ވުމަށްޓަކައެވެ. އަދި އެއީ اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ކާފިރުންނަށް ވޭންދެނިވި ޢަޒާބު ހުށްޓެވެ].
އެހެނަސް އޭނާ އެ ބުނުން ބުނެފައިވަނީ އެހެން މަޤްޞަދެއް ކަމުގައި ވާނަމަ، އެބަސްތައް ވަނީ އޭނާ ނިޔަގަތް ފަދައަކުންނެވެ. ފަހަރެއްގައި، އޭނާގެ ޤަޞްދަކީ އިޚްތިރާމް ކުރުމުގައި، ނުވަތަ އެހީތެރިކަން ލިބުމުގައި ނުވަތަ އެނޫންވެސް އެހެނިހެން ގޮތްގޮތުން މަންމަގެ މަޤާމުގައިވާ ފަދަ މީހެއް ކަމުގައި އޭނާގެ އަންހެނުންވާކަމަށް ބުނުން ކަމުގައި ވެދާނެއެވެ.
ތި މައްސަލައިގައި ކޮންމެހެން އެ ޙުކުމަށް ތަބަޢަވާންޖެހޭ ޙުކުމެއް ހޯދުމަށް އެދޭ ކަމުގައިވާނަމަ ހުރިހައި ފަރާތަކުން އަޑުއަހައި، ހުރިހައި ދިމާލަކަށް ބަލައި، ފައިޞަލާ ކުރުމަށްޓަކައި ޝަރުޢީ ކޯޓަކަށް ހުށަހަޅާށެވެ.
(އަބޫއަނަސްއެމްވީ)

