ގެމަނަފުށީ ކައުންސިލް ވޮލީ މުބާރާތް 2025 ގެ އަންހެން ޑިވިޝަންގެ 5 ވަނަ މެޗުގައި ގއ ކަނޑުހުޅުދޫ ވޮލީޓީމް އަދި ގެމަނަފުށި ހުޓިކޮޑާ ބައްދަލުކުރި މެޗު ސީދާ 3 ސެޓުން ކަނޑުހުޅުދޫއިން ކާމިޔާބުކޮށްފިއެވެ.
މިއީ މި މުބާރާތުގައި މި ދެޓީމްގެ ވެސް ކުޅުނު ދެވަނަ މެޗެވެ. ކަނޑުހުޅުދޫއިން 2 މެޗުވެސް ކާމިޔާބު ކުރިއިރު ހުޓިކޮޑާ ވާދަކުރި 2 މެޗުންވެސް ވަނީ ބަލިވެފައެވެ. ކަނޑުހުޅުދޫ އިން ސީކުއީން އާއި ވާދަކޮށް މޮޅުވި އިރު ހުޓިކޮޑާއިން ވަނީ އިގްނައިޓް ޖޫނިއާރސް އަތުން ބަލިވެފައެވެ.
ގެމަނަފުށީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު ކަނޑުހުޅުދޫއިން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ކަނޑުހުޅުދޫ އިން ސެޓުގެ ބޮޑުބައި ކުޅެމުން ދިޔައީ ވަރަށް ބޮޑު ލީޑަކާއިއެކުއެވެ. ސެޓުގެ ފަހުކޮޅު ހުޓިކޮޑާއިން ކުޅުން ވަރަށްބޮޑަށް ރަނގަޅުކޮށް ސެޓު ނެގުމާއި ހަމައަށް ދިޔައެވެ. ސެޓުގެ ފަހު ޕޮއިންތަށް ކާމިޔާބު ކޮށް މި ސެޓު 26،24 އިން ކަނޑުހުޅުދޫއިން ނެގިއެވެ. ދެވަނަ ސެޓުގައި ހުޓިކޮޑާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު ކަނޑުހުޅުދޫގެ ރަނގަޅު ނިންމުންތަކާއިއެކު މިސެޓު ތަފާތު ބޮޑުކޮށް 25،5 އިން ކާމިޔާބު ކުރިއެވެ. އަދި 3 ވަނަ ސެޓުގައި ވެސް ފެނިގެންދިޔައީ ދެވަނަ ސެޓުގައި ވެސް ފެނުނު ފަދަ ކުޅުމެކެވެ. މި ސެޓުވެސް ފަސޭހަ ކަމާއިއެކު 25،10 ނަގައި 3 ސެޓުން މެޗު ކާމިޔާބު ކުރިއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ކަނޑުހުޅުދޫ ވޮލީ ޓީމްގެ ޖާޒީ ނަންބަރު 11 ސިލްމާ ޒާހިރު އެވެ.
މި މުބާރާތުގައި މިރޭވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭގެ މެޗުގައި ވާދަކުރާނީ ފުވައްމުލަކު ސިޓީގެ ސީކުއީން އަދި އިގްނައިޓް ޖޫނިއާސް އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

