ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް އަވަށްޓެރި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހަވީރު މާލެއަށް ވަޑައިގެންނެވުމުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރަސްމިއްޔާތުގައި ލަންކާގެ ރައީސަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ސްކޫލު ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމަކާއި، 21 ބަޑީގެ ސަލާމް އަރުވައި، ދިވެހި އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ. އަދި ލަންކާގެ ރައީސް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް އިންސްޕެކްޓް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ރައީސުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. “މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައި” ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ.
ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް އެއަރޕޯޓުން މަރުޙަބާ ދެންނެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ.
މިއީ އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ މިމަހުގެ 28 އިން 30 އަށް ކުރައްވާ ދަތުރުފުޅެކެވެ. ޚާއްޞަކޮށް މި ދަތުރުފުޅު ދިމާވަނީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ގައެވެ.

