ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ.
ސްރީ ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ އެމަނިކުފާނު ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިއަދު ޖުމްހޫރީ މައިދާން ސަރަޙައްދުން އެމަނިކުފާނަށް ރަސްމީ މަރުޙަބާ ދެންނެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން ރައީސް މުޢިއްޒާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.
މި ބައްދަލުވުމުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން، ޑިޕްލޮމެޓިކް ތަމްރީނުތަކާއި ހުނަރުތައް ތަރައްޤީކުރުމާ ގުޅޭ އެމްއޯޔޫއެއްގައިވެސް ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްއާއި ބަންޑާރަނަޔެކަ ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓިއުޓާ ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ އެއްބަސްވެފައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ސްރީ ލަންކާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓުއަރިޒަމް މިނިސްޓަރު ވިޖުދާ ހެރެތުއެވެ.
ދެ ޤައުމުގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

