މަސްތުވާތަކެތީގެ މައްސަލއެއްގައި ދުވާފަރުން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅާއެކު ދުވާފަރުން ހައްޔަރުކޮށްފައިވަނީ، ރ. ދުވާފަރު، ފިނިފަޒާ، އަހަރުގެ އިބްރާހީމް ޢަބްދުލްރައްޒާޤު (38އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން، މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ދުވާފަރު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު އޭނާ އަތުން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ އަށް ވަނީ 20 ދުވަހު ބަންދުގެ މުއްދަތެއް ޖަހާފައެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

