ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަތުރުފުޅާއެކު ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެ މިއަދު ހެނދުނު ރާއްޖެ ވަޑައިގެން، ހަވީރު ރައީސް އޮފީހުގައި ދެ ލީޑަރުން މަޝްވަރާ ކުރައްވައި، ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވެވި އެވެ.
އެ ބައްދަލުވުންތަކަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ރާއްޖެއާއި ލަންކާއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ ޚާއްސަ ދަތުރުފުޅެއް ކަމަށެވެ.
ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ސްރީލަންކާ ހިމެނޭކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖެ-ލަންކާ ދެމިއޮތީ ތަރައްޤީގައި އެހީތެރިވެދެވޭ ގާތް އެކުވެރީންގެ ގޮތުގައި ކަމަށެވެ.
މީގެއިތުރުން ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ މެދުގައި އޮތް ތާރީޚީ ދިގު ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ފުރުސަތެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
އަދި މި ދަތުރުފުޅާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވާފައިވެއެވެ.

