ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު އޮތް ޖޮއިންޓް ޕްރެސްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަދި ތަޢުލީމު ޙާސިލުކުރަމުންދާ ޤައުމެއް ކަމަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާގައިވެސް ލަންކާގެ ޓީޗަރުން މުހިއްމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ. މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް، މީހުން ތަމްރީނުކުރުމުގެ އިތުރުން ދެ ޤައުމުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއެކު ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“މިއަދު މި އެކުލަވާލެވުނު އެއްބަސްވުންތަކާއެކު ޤާނޫނީ އެހީތެރިކަން ދެ ޤައުމުގެ މެދުގައި ބަދަލުކުރެވިގެންދާނެ. އަދި ފޮރިން ސަރވިސަސް އޮފް މޯލްޑިވްސްއާއި ބަންޑްރާނަޔަކަ އިންޓަނޭޝަލް ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓިއުޓްއާއެކު ޤާއިމުކުރި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޑިޕްލޮމެޓުންގެ ހުނަރުތައް ތަރައްޤީކުރެވޭނެ،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ މެދުގައި ވިޔަފާރި، ދިފާޢީ ދާއިރާ، ތަޢުލީމު، ވޮކޭޝަނަލް ޓްރެއިނިން، ޒުވާނުން ބާރުވެރިކުރުވުން، ކުޅިވަރު، ތިމާވެށި، މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށްވެސް އެއްބަސްވެވުނެވެ.
ލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި، ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއްގައި އަދި ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ފޯރުކޮށްދިނުމާބެހޭ މުއާހަދާއެއްގައި ވަނީ ސޮއިކުރެވިފައެވެ. 1965 ވަނަ އަހަރުން ފެށިގެން ރަސްމީ ސިޔާސީ ގުޅުން ބަދަހިކޮށްފައިވާ މި ދެ ޤައުމުގެ ގުޅުން މި އެއްބަސްވުންތަކާއެކު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

