ލ. މާވަށުގައި މިއަދު ހެނދުނު ވަޅިން ހަމަލާދީ މަރާލި ޒުވާނާއަށް ހަމަލާ ދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމަކުން މޫދުން ފެނިއްޖެ އެވެ.
ފުލުހުން ބުނީ ވަޅި ހޯދާފައިވަނީ ފުލުހުންގެ ޓީމް މޫދަށް ފީނައިގެން ކަމަށެވެ.
ހަމަލަދީ މަރާލާފައި ވަނީ މާވަށު، ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. އަދި އޭނާއަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލްގެ އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ.
ފުލުހުން ދެންމެ ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތަކީ މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

