ގެމަނަފުށީ ކައުންސިލް ވޮލީ މުބާރާތް 2025 ގެ އަންހެން ޑިވިޝަންގެ 6 ވަނަ މެޗުގައި ފުވައްމުލަކު ސިޓީގެ ސީކުއީން އަދި އިގްނައިޓް ޖޫނިއަރ ވާދަކުރި މެޗު ފަސޭހަ ކަމާއިއެކު ސީކުއީންއިން ކާމިޔާބުކޮށްފިއެވެ.
ސީ ކުުއީން މި މެޗަށް ނިކުތްއިރު ވަނީ ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. އަދި އިގްނައިޓް 1 މެޗު ކާމިޔާބުކޮށް 1 މެޗުން ވަނީ ބަލިވެފައެވެ. މިއީ މި 2 ޓީމުން މުބާރާތުގައި ކުޅޭ 3 ވަނަ މެޗެވެ.
ގެމަނަފުށީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު ސީކުއީން އިން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
މި މެޗު ފަށައިގެން ފުރަތަމަ ސެޓުންވެސް ސީކުއީން ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށް ސެޓު ފަށައިގަތްތަނެވެ. ބޮޑު ލީޑަކާއިއެކު ކުރިއަށް ދިޔަ މި ސެޓު އެޓީމުން ކާމިޔާބު ކުރީ 25،8 އިންނެވެ. ދެވަނަ ސެޓުގައި އިގްނައިޓް ގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވެއެވެ. ރަނގަޅު ރިސީވިންތަކާއި ނިންމުންތައް ވެސް ފެނިގެން ދިޔައެވެ. އެހެން ނަމަވެސް ސީކުއީންއިން ގާތްގާތުގައި ހޯދިި ޕޮއިންޓް ތަކުން 25،18 ސެޓު ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ 3 ވަނަ ސެޓުގައި އިގްނައިޓްއިން އެ ޓީމްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައި ވެއެވެ. އަދި ސީކުއީންއަށް ރަނގަޅު ފައިޓެއް ދީފައިވެއެވެ. ސެޓުގެ ފަހުކޮޅު ވަރަށް ގާތްގާތުގައި ދެޓީމްވެސް ދިޔައީ ޕޮއިންޓް ހޯދަމުންނެވެ. ސެޓުގެ ފަހުކޮޅު ސީކުއީންއިން ރަނގަޅު ޕޮއިންޓްތަކެއް ހޯދައި ވަނީ ސެޓު ކާމިޔާބު ކޮށްފައެވެ. މި ސެޓު އެޓީމް ކާމިޔާބު ކުރީ 26،24 އިންނެވެ.
އިގްނައިޓް ޖޫނިއަރ އަކީ ވަރަށް ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އުއްމީދީ ޓީމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ސީކުއީންގެ ޖާޒީ ނަންބަރު 13 އާމިނަތު އަޒީމާއެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ފޯރިގަދަ މެޗެއް ކުޅޭނެއެވެ. ގއ ކަނޑުހުޅުދޫ އަންހެން ވޮލީ ޓީމާއި ގއ ގެމަނަފުށި ވޮލީ ކުލަބު ވާދަކުރާނެއެވެ. މި މެޗު އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހާއްސަވެއެވެ. މި 2 ޓީމް މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ވަބނީ ކާމިޔާބުކޮށްފައެވެ. ލީގު ބުރުގެ އެއްވަނަ ހޯދުމަށް މި މެޗަކީ މި ދެޓީމަށް ފައިނަލެކެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

