އިންޑިއާގެ ނިކޯބާ އައިލެންޑްސް ކައިރިއަށް ރިކްޓަ މިންގަނޑުން 6.2 ގެ ބާރުމިނުގައި ރޭ އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމެއްގެ އަސަރު ރެކޯޑްކުރެވިފައިވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.
ނިކޯބާ އައިލެންޑްސްއަށް ރިކްޓާ މިންގަނޑުން 6.2 ގެ ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ރާއްޖޭ ގަޑިން ރޭ 11:41 ގައެވެ.
ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރޭ 11:48 ހާއިރު ލޮޅުމެއްގެ އަސަރު ރެކޯޑު ކުރެވިފައިވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.
މީޓިއޮރޮލޮޖީ އިން ބުނީ މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައިނުވާ ކަމަށާއި، ނަމަވެސް ބިންހެލުމާއި ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓް ލިބުނު ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމުގެ ސަބަބުން ލޮޅުމެއް އައި ނަމަވެސް ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

