ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި ޒުވާނަގެ ހަށިގަނޑު، އިތުރު ތަހުލީލުތައް ހެދުމަށް ރޭ މާލެ ގެނެސްފިއެވެ.
އިއްޔެ ހެނދުނު ދެ މީހެއްގެ ދެމެދުގައި މާވަށުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 10:12 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީގައި ނިޔާވެފައިވަނީ އެ ރަށު، ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމްއެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މޫސާ އިބުރާހީމް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމްއެވެ.
މޫސާ އިބްރާހީމަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން ވަނީ މޫދަށް ފީނައިގެން ހޯދާފައެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.

