ގއ ގެމަނަފުށީގައި މިހާރު ކުރިއަށްދާ އެރަށު ކައުންސިލް ވޮލީ މުބާރާތް 2025 ގައި ލީގުގެ އެއްވަނަ ހޯދުމަށް ކޮންމެހެން މޮޅުވާން މަޖުބޫރު މެޗެއްގައި ގއ ކަނޑުހުޅުދޫ އަންހެން ވޮލީ ޓީމާއި ގެމަނަފުށީ އަންހެން ވޮލީ ކުލަބު ވާދަކުރާނެއެވެ.
މިއަދު ހަވީރު 16:15 ގައި ފަށާ މި މެޗު އެއްގޮތަށް ވުރެ އެތައްގޮތަކުން ހާއްސަ ވެއެވެ. ސަބަބަބީ މި 2 ރަށަކީ ވެސް ވޮލީގައި ކުރިއެރުންތަކެއް ހޯދައި ކާމިޔާބީ ތަކެއް ހޯދަމުން އަންނަ 2 ރަށަށް ވުމެވެ. އަދި އަތޮޅު ތެރޭގައި ބާއްވާ ވޮލީ މުބާރާތްތަކުގައި ގިނަ ފަހަރަށް ފައިނަލް ނުވަތަ ސެމީ ފައިނަލްގައި ވާދަ ކުރާ 2 ރަށަކީ ވެސް މި 2 ރަށެވެ.
މިއަދުގެ މެޗަށް މި 2 ޓީމް ކުރިމަތި ލާއިރު މި މުބާރަަތުގައި މި 2 ޓީމް ކުޅުނު ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި މުބާރާތުގެ ލީގުގެ އެއްވަނަ ހޯދުމަށް މިއީ މި 2 ޓީމަށް ވެސް މުހިންމު މެޗަކަށް ވާނެއެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު މި ދެޓީމަކީ މި މުބާރާތުގެ ފެވަރީޓުންގެ ގޮތުގައި ބެލެވެެއެވެ. 2 ޓީމްގެ ކުޅުންތެރިންނަށް ބަލާއިރު ގައުމީ ފެންވަރުގެ ކުޅުންތެރިން 2 ޓީމްގައި ވެސް ހިމެނެއެވެ. ރަށުން ބޭރު ކުޅުންތެރިންނާއިއެކު މި 2 ޓީމްވެސް ފެންނަނީ މި މުބާރާތުގައި ގަދަކޮށެވެ.
މުބާރާތުގެ ގަވާއިދު ބުނާގޮތުން ލީގުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމް ސެމީީގައި ވާދަކޮށް މޮޅުވާ ޓީމް ފައިނަލަށް ދާއިރު ލީގުގެ 3 ވަނަ ޓީމާއި 4 ވަނަ ޓީމްގެ މެދުގައި ސެމީގެ މެޗެއް ކުޅޭނެއެވެ. އެ މެޗުން މޮޅުވާ ޓީމާއި ސެމީގެ ފުރަތަމަ މެޗުން ބަލިވާ ޓީމްގެ މެދުގައި އިތުރު ސެމީއެއް ކުޅެ މޮޅުވާ ޓީމް ފައިނަލަށް ދާނެއެވެ. މިހެން އޮތުމުން ހުރިހާ ޓީމްތަކަށް ވެސް ފައިނަލަށް ދިއުމުގެ ހުޅުވާލެވިފައިވާ ފުރުސަތެއް އޮންނާނެއެވެ.
މި 2 ޓީމްގެ ވޮލީގެ ތާރީހަށް ބަލާއިރު ކަނޑުހުޅުދޫއިން ވަނީ އެއަތޮޅުގެ ރާވެރިޔާ މުބާރާތް އެއްފަހަރު ކާމިޔާބުކޮށް ޖެހިގެން އައި މުބާރާތުގެ ސެމީގައި ވާދަކޮށްފައެވެ. ޗެމްޕިއަންކަން ހޯދީ ގެމަނަފުށި ބަލިކުރުމަށް ފަހުގައެވެ. އަދި ސެމީން ބަލިވީ ގެމަނަފުއްޓާއި ވާދަކޮށެވެ. އަދި ގދ ގައްދޫގައި ބޭއްވުނު ވަތަބަނޑޭރި މުބާރާތުގެ ފައިނަލްގައި ކަނޑުހުޅުދޫއިން ވާދަކޮށްފައިވެއެވެ.
އެހެންކަމުން މިއަދުގެ މެޗާއި، މި 2 ރަށުގެ ވޮލީގެ ވާދަވެރިކަމަކީ ފާހަގަކޮށްލެވޭ ވާދަވެރިކަމެކެވެ. އަދި މިއަދުގެ މެޗަކީ މިކަންކަމަށް ނަޒަރު ހިންގާލަން ލިބޭ ރަނގަޅު ފުރުސަތެކެވެ.
ގެމަނަފުށީ އަންހެން ވޮލީ ޓީމް މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު 2005 ގައި ބޭއްވި އަތޮޅު ވޮލީ ލީގުގެ ރަނަރަޕްކަމާއި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު ބޭއްވުނު އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަމާއި، ރާވެރިޔާ ވޮލީ މުބާރާތުގެ 2022 ގެ ޗެމްޕިއަންކަމާއި، ރާވެރިޔާ ވޮލީ މުބާރާތުގެ 2023 ގެ ރަނަރަޕްކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން 2012 ވަނަ އަހަރުގެ ޤައުމީ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ބަލިކޮށް ގެމަނަފުށީ އަންހެންޓީމް ވަނީ ހޯދާފައެވެ.
މިއަދުގެ މެޗަށް މި 2 ޓީމްއިން ވެސް މޮޅު ކުޅުމެއް ދައްކާނެކަމަށް ބެލެވޭއިރު ބަލާހިތްވާ ފޯރިގަފަ ކުޅުމެއްފެންނާނެއެވެ. މިއީ މިމުބާރާތުގައި ފެންނާނެ އެންމެ ފޯރިގަދަ މެޗަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

