ލ. މާވަށުގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލުމުގެ ތުހުމަތު އޮތް މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެވެ.
މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމަރީގައި ނިޔާވީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ.
މޫސާއަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަރަށް ކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ. އޭނާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން މޫދަށް ފީނައިގެން އިއްޔެ ވަނީ ހޯދައިފައެވެ.
ފުލުހުން މިއަދު ބުނީ، މޫސަގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށާ މާލެ ގެނައީ، ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

