މިނިވަަންދުވަހުގެ މުނާސަބަތާ ގުޅިގެން އައި ސަރުކާރު ބަންދާ ވިދިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފުލެޓުތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށްފަހު އަލުން ސޮއިކުރަން ފަށައިފިއެވެ.
އެ މަސައްކަތް އެފްޑީސީން ފެށީ މިމަހުގެ 21 ގައެވެ. ނަމަވެސް މިނިވަން ދުވަހުގެ ބަންދަށް ހަތަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެ މަސައްކަތް މިއަދު ވަނީ އަނެއްކާ ވެސް ފަށައިފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލޭ ފުރަތަަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކުގައި އެކަމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ ތަނުގައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އާ ދެމެދުއެވެ.
އެފްޑީސީން ބުނީ ފުލެޓް ލިބޭ މީހުންނަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ “ފަހި ޕޯޓަލް” މެދުވެރިކޮށް ޝެޑިއުލްކޮށް، އެ މީހަކަށް އަންގާނެ ކަމަށެވެ.
މި ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ އެއްބަސްވުމަކީ ކުލީގެ ގޮތުގައި ބަހާލައިގެން ފުލެޓުގެ އަގު ދައްކައި ހަަލާސްކުރުމުން ތަން މިލްކުވާ ގޮތަށް ހަދާ އެއްބަސްވުމެކެވެ.

