ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، އެމްއެންޑީއެފުން އިލްތިމާސް ކޮށްފި

މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަވެ، މޫސުން ގޯސްވާނެ ކަމަށާއި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވާއިރު، އެމްއެންޑީއެފުން ވެސް ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސް ކުރާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
