ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ތިން ޤާނޫނީ ދާއިރާގެ ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާާމުގައި ކުރީން ހުންނެވި އަޙްމަދު މުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
އެ މަގާމަށް ކުރިމަތިލެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.
މި ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އަށް ފެންނަ ނަމެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމުން އެމަނިކުފާނު އެ ނަމެއް މަޖިލީހަށް ހުށައަޅާނެ އެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން، އުއްތަމަ ފަނޑިޔާރަކު އައްޔަންކުރުމުގެ އިޖުރާއަތު ފެށެނީ ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމުންނެވެ.
އުއްތަމަ ފަނޑިޔާރަކީ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމުގެ އެންމެ އިސްވެރިޔާ ކަމުން، މި މަޤާމަށް އައްޔަންކުރެވޭ ފަރާތް ކަނޑައެޅުމަކީ ޤައުމުގެ ޝަރުޢީ ދާއިރާގެ މުސްތަޤުބަލަށް ވަރަށް މުހިންމު ނިންމުމެކެވެ.

