ގެމަނަފުށީ ކައުންސިލުންނ އިންތިޒާމްކޮށްގެން ބާއްވަމުންދާ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ 8 ވަނަ މެޗުގައި ހުޓިކޮޑާއަތުން ފަސޭހަ މޮޅެއް ސީކުއީން ހޯދައިފިއެވެ.
މި މެޗާއިއެކު ސީކުއީން ހަތަރު މެޗު ކުޅެ ނިމުނީއެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމް މޮޅުވެފައިވަނީ ހުޓިކޮޑާ އަދި އިގްނައިޓް ޖޫނިއާސް އަތުންނެވެ. ކަނޑުހުޅުދޫ އަދި ގެމަނަފުށި ވޮލީ ކުލަބު އަތުން ވަނީ ބަލިވެފައެވެ.
މިރޭގެ މެޗަކީ ސީކުއީންއަށް ވަރަށް ފަސޭހަ މެޗެކެވެ. ފުރަތަމަ ސެޓު 25،9 އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓުވެސް ފަސޭހަކާމާއިއެކު 25،17 އިން ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގެ ފަހު ސެޓުގައި ހުޓިކޮޑާއިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރިކަމަށް ވިޔަސް ސީކުއީންގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ. މި ސެޓު 25،16 އިން ނަގައި ސީދާ 3 ސެޓުން މެޗު ކާމިޔާބު ކުރިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީކުއީންގެ ޖާޒީ ނަންބަރު 2 ފާތުމަތު ރިޝާ އެވެ.
މި މުބާރާތުގައި މާދަމާ ވެސް 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ލީގު ބުރުގައި ކުޅޭނެ ފަހު މެޗުތަކެވެ. މާދަމާ ހަވީރު އިގްނައިޓް ޖޫނިއާރސް އަދި ކަނޑުހުޅުދޫ ވާދަކުރާއިރު ރޭގަނޑު މެޗުގައި ވާދަކުރާނީ ހުޓިކޮޑާ އަދި ގެމަނަފުށީ ވޮލީ ކުލަބެވެ.
މާދަމާގެ މެޗު ތަކުން ސެމީ ފައިނަލްގެ ޓީމްތަށް ތަރުތީބު ކުރެވިގެން ދާނެއެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

