އިހުގައި ދިވެހިންގެ އާދަކާދަތަކުގެ ތެރޭގައި ގޭތެރޭގައި ކުޑަކުދިން ގެންގުޅުމަށް ސަމާލުވެ ކުރާ ހާއްސަ ކަންތައްތަކެއް ހުރެއެވެ، އޭގެ ތެރޭގައި ތުއްތު ކުއްޖާއަށް އަރައިގެން އަންނަ އިރުގެ ހޫނުކަން ދިނުމާއި އިރުއޮއްސުމުގެ ކުރިން ފެންވަރުވައި މާލީސްކޮށް ނިންދަވަން ތައްޔާރުކުރުން ހިމެނެއެވެ. އޭރުއްސުރެ މިއަދާ ހަމައަށްވެސް ބައެއް އާދަތައް ވާރުތަވަމުން އައިސްފައިވާ ކަމީ އުފާހުރި ކަމެކެވެ. ކުޑަކުދިން މެންދުރުގަޑީގައި ނިންދެވުމަކީ އާދަވެ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ވަރަށް މުހިންމުކަން ދީގެން ސަމާލުވެ ކުރަމުން އަންނަ ކަމެކެވެ. ދަރިފުޅު އެންމެ ތުއްތު އިރު، މަންމައާއި ދަރިފުޅު މެންދުރު އެކުއެކީގައި ނިދުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އޮންނަ އާދައެކެވެ.
އަޅުގަނޑުމެންގެ ކާބަފައިންގެ ފުށުން ވާރުތަވެގެން އައިސްފައި ހުންނަ މިފަދަ އާދަތަކަކީ ހަމަ އެއްވެސް ބޭނުމެއް ނެތް ގޮތެއްގަައި، އޭރު ގިނަ ޒިންމާތަކެއް ނެތި ވަގުތު އޮންނާތީވެ ކުރަމުން އައިސްފައިވާ ކަމެއްކަމުގައި ނުދެކޭށެވެ. މިފަދަ ކޮންމެ ކަމެއްގެ ފަހަތުގައިވެސް ހާއްސަ ސަބަބުތަކެއް އޮވެއެވެ. އޭރު އެފަދަ ސަބަބުތައް ބުނެދެނީ މާމައިންނާއި އާއިލާގެ ދުވަސްވީ މެންބަރުންނެވެ. އެމީހުންގެ ތަޖުރިބާއާއި އާދަކާދައިގެ ތެރެއިންނެވެ. އޭރަކު ގޫގުލް ދޮންބެ އެއް ނުހުރެއެވެ. އެހެންނަމަވެސް މިއަދު ގޫގުލްސާޗް ކޮށްލުމުން އޭރު އެމީހުން ބުނެދިން ވާހަކަތައް ފިލިންފިއްޔަށް ތެދުކަން ހާމަވާނެއެވެ.
މެންދުރުގެ ކުޑަ ވަގުތުކޮޅަކަށް ނިދާލުމަކީ ހަމައެކަނި ކުޑަކުދިންނަށް ހާއްސަކަމެއް ނޫނެވެ. އެއީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. ކުޑަކުދިންނަށް ބުނެދީގެން ކުރުވަނީ އެކުދިންގެ ގައިގައި އާދަތައް ހަރުލެއްވުމަށްޓަަކައެވެ. އަދި އެއާދަ ކިތަންމެ ބޮޑުވިޔަސް އެކުދިންގެ ކަށީގައި ހަރުލެއްވުމަށްޓަކައެވެ. އެހެންކަމުން ބޮޑެތިވެއަމިއްލައަށް އުޅެމުން އަންނަ އަހަރުމެންނަށް މެންދުރުގެ "ނެޕް" ނުވަތަ ކުޑަވަގުތުކޮޅެއްގެ ނިދީގެ ފައިދާ ވަކި ނުވާންވީ ކީއްވެހެއްޔެވެ، އަދި އެގޮތަށް ކަންތައް ނުކުރަންވީ ސަބަބެއްވެސް ނުމެނެތްމެއެވެ. އެގަޑީގައި މަސައްކަތެއް ނެތްނަމަ ކުޑައިރުކޮޅަކަށް ނިދާލުން އާދަ ކުރަމާތޯއެވެ.
މިއަދުގެ ފަތިސްތަރީގައި މިބަލާލަނީ މެންދުރުގެ ކުޑަ ވަގުތުކޮޅެއްގައި ނިދާލުމުން ލިބޭ އަރާމާއި ސިއްހީ ފައިދާތަކަށެވެ.
މިއަދުގެ ޒަމާނުގައި އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު މަސައްކަތްތައް އިތުރުވެ، ސްޓްރެސް ލެވެލް މައްޗަށް ގޮސްފައިވާއިރު، ހަށިގަނޑަށާއި ސިކުނޑިއަށް އަރާމު ދިނުމަކީ ވަރަށް މުހިންމު ކަމަކަށް ވެފައިވެއެވެ. މި ގޮތުން ދުވާލު ކުޑަ ވަގުތުކޮޅަކަށް ނިދާލުމަކީ ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ.
ދުވާލު ނިދާލުމުގެ މުހިންމުކަން؛ ދުވާލަކު އަށް ގަޑިއިރާއި ދިހަ ގަޑިއިރާ ދެމެދުގެ ވަގުތު އޮފީހުގައި ނުވަތަ ސްކޫލުގައި ހޭދަކުރުމަށްފަހު، ސިކުނޑިއަށް ބޭނުންވަނީ އަރާމެވެ. ދުވާލު ކުޑަ ވަގުތުކޮޅަކަށް ނިދާލުމުން ސިކުނޑި އަލުން ތާޒާވެ، މަސައްކަތުގެ ފެންވަރު ރަނގަޅުވެއެވެ. އަދި މިއީ ސްޓްރެސް ލެވެލް ދަށްކުރުމަށް ވެސް ވަރަށް މުހިންމު ކަމެކެވެ.
އެންމެ އެކަށީގެންވާ ވަގުތާއި ގޮތް؛ ދުވާލު ނިދާލުމަށް އެންމެ ރަނގަޅީ މެންދުރު 1:00 އާއި ހަވީރު 4:00 އާ ދެމެދުގެ ވަގުތެކެވެ. އާންމު ގޮތެއްގައި 20 މިނެޓުގެ "ޕަވަރ ނެޕް" އެއް ނެގުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ނަމަވެސް، ބުރަ މަސައްކަތެއް ކުރަން ޖެހޭނަމަ 45 މިނެޓަށް، އަދި ވަގުތު އޮތްނަމަ ދޮޅު ގަޑިއިރާއި ދެ ގަޑިއިރަށް ނިދާލެވިދާނެއެވެ.
ސައިންޓިފިކް ފައިދާތައް؛ ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލު ކުޑަ ވަގުތުކޮޅަކަށް ނިދާލުމުން ސިކުނޑީގެ މަސައްކަތް ހަރުދަނާވެއެވެ. ޚާއްޞަކޮށް ވިސްނުމާއި ހަނދާން ބާރުގަދަވެ، ވަށައިގެންވާ ކަންކަމަށް ސަމާލުކަން ދިނުމުގެ ޤާބިލުކަން އިތުރުވެއެވެ. މީގެއިތުރުން، ހަށިގަނޑުގައި ސްޓްރެސް ހޯމޯން ކަމުގައިވާ ކޯޓިސޯލްގެ މިންވަރު ދަށްވެއެވެ.
ސިއްޙީ ފައިދާތައް؛ ދުވާލު ކުޑަ ވަގުތުކޮޅަކަށް ނިދާލުމުގެ އާދަ ހުންނަ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވާކަން ދިރާސާތަކުން ދައްކައެވެ. އަދި މިކަމުން މޫޑު ރަނގަޅުވެ، ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެއެވެ. ނަމަވެސް، ރޭގަނޑުގެ ނިދި ނުގެއްލޭނެ ގޮތަށް މި އާދަ ބެހެއްޓުމަކީ މުހިންމު ކަމެކެވެ.
ސަމާލުވާންވީ ކަންކަން؛ ދުވާލު ނިދާލާއިރު ވަކި އުސޫލުތަކަކާ އެއްގޮތަށް ނިދާލުމަކީ މުހިންމު ކަމެކެވެ. އަނދިރި، ހިމޭން ތަނެއްގައި ނިދާލުމާއި، 30 މިނެޓަށްވުރެ ގިނައިރު ނުނިދުމަކީ މުހިންމު ކަމެކެވެ. އެއީ 30 މިނެޓަށްވުރެ ގިނައިރު ނިދައިފިނަމަ ހޭލާއިރު ބޮލަށް ބަރުވެ، ނިދި ފިލުވަން އުނދަގޫވާނެތީއެވެ.
ދުވާލު ކުޑަ ވަގުތުކޮޅަކަށް ނިދާލުމަކީ ސިކުނޑިއަށާއި ހަށިގަނޑަށް ލިބޭ ވަރަށް ގިނަ ފައިދާތަކެއް ހިމެނޭ ކަމެކެވެ. ނަމަވެސް، މިކަން ކުރަންވާނީ ރަނގަޅު އުސޫލުތަކާ އެއްގޮތަށެވެ. އޭރުން މިކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބި، ރޭގަނޑުގެ ނިދިއަށް ނޭދެވޭ އަސަރެއް ނުކުރާނެއެވެ.


