ލ. މާވަށުގައި އެ ރަށު މޫސާ އިބްރާހިމް މަރާލަން ދިން ހަމަލާގައި ހައްޔަރުކުރެވުނު ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29 އަހަރު) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މުހައްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ ފަރާތެއް ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި މަރުވި މޫސާ އިބްރާހިމް (29 އަހަރު) އަށް ހަމަލާ ދީފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިނގި ދެބަސްވުމެއްގައެވެ. މި ހާދިސާގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވަނީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ހޯދާފައެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މޫސައަށް ހަމަލާ ދިނުމަށްފަހު ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައެވެ. އެނގިފައިވާގޮތުގައި ހަމަލާ ދީފައިވަނީ މޫސާގެ ކަރަށެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

